މިލަންދޫ ކައުންސިލް ބެޑްމިންޓަން ޓޯނަމަންޓް 2025 ހިންގާ ޤަވާއިދު

1. ތައާރަފް އަދި ނަން

  • (ހ) މި ގަވާއިދަކީ މިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދެވޭ "މިލަންދޫ ކައުންސިލް ބެޑްމިންޓަން ޓޯނަމަންޓް 2025" ގެ ހިންގާ ޤަވާއިދެވެ.
  • (ށ) މި ޤަވާއިދަށް ކިޔާނީ "މިލަންދޫ ކައުންސިލް ބެޑްމިންޓަން ޓޯނަމަންޓް 2025 ހިންގާ ޤަވާއިދު" އެވެ.

2. މުބާރާތް އިންތިޒާމްކުރާ ފަރާތް

މި މުބާރާތް އިންތިޒާމު ކުރާނީ މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކުލަބުންނެވެ.

3. މުބާރާތުގެ މަޤްޞަދުތައް

  • (ހ) މިލަންދޫ ރައްޔިތުންނަކީ ދުޅަހެޔޮ ޞިއްޙަތަކަށް ލޯބިކުރާ ބަޔަކަށް ހެދުން.
  • (ށ) ބެޑްމިންޓަން ކުޅުމުގެ ރޫޙު އާލާކުރުން.
  • (ނ) ރަށުގެ އިޖްތިމާޢީ ރޫޙު އާލާކޮށް ދިރުވުން.

4. މުބާރާތް ކުރިއަށް ގެންދެވޭ ތާރީޚާއި ތަން

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ކުލަބުގެ ބެޑްމިންޓަން ހޯލުގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ނޮވެމްބަރު 15 ވަނަ ދުވަހުގައެވެ.

5. މުބާރާތުގައި ބައިވެރިވުން

  • (ހ) މި މުބާރާތުގައި ބައިވެރިވެވޭނި މުބާރާތް އިޢުލާންކުރުމުން އެކަމަށް ޚާއްޞަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމުންނެވެ.
  • (ށ) މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
  • (ނ) މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމަށްފަހު، މުބާރާތުގެ ގުރުއަތުލުމުގެ 48 ގަޑިއިރު ކުރިން ކުޅުންތެރިޔާގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އޮންނާނެއެވެ.

6. މުބާރާތުގައި ބައިވެރިވާ ކުޅުންތެރިން

  • (ހ) މި މުބާރާތުގައި ބައިވެރިވެވޭނީ މިލަންދޫއަށް ނިސްބަތްވާ އަދި މިލަންދޫގައި ރަޖިސްޓްރީވެފައިވާ، އުމުރުން 15 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
  • (ށ) މިލަންދޫއަށް ނިސްބަތްވާ އަދި މިލަންދޫގައި ރަށްވެހިވެފައިވާ ފަރާތެއްކަމުގައި ބެލެވޭނީ ތިރީގައިވާ ޝަރުތުތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާނަމައެވެ.
    • 1. މިލަންދޫ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ފަރާތެއްކަމުގައިވުން
    • 2. ކުޅުންތެރިޔާގެ މަންމަ ނުވަތަ ބައްޕައަކީ މިލަންދޫގެ ރަށްވެއްސެއް ކަމުގައިވުން
    • 3. މިލަންދޫގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެއް ކަމުގައިވުން
    • 4. މިލަންދޫގައި ޤާއިމްވެފައިވާ ސަރުކާރު މުއައްސަސާއެއް/ކުންފުންޏެއްގައި 1 އަހަރަށްވުރެ ދިގު މުއްދަތަށް ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވުން

7. ކުޅުންތެރިންގެ ޖާރޒީ އަދި މެޗް ބޫޓް

  • (ހ) މި މުބާރާތުގައި ބައިވެރިވާ ސިންގަލްސް އަދި ޑަބަލްސް ކުޅުންތެރިން، މި ކައުންސިލުން ދޭ އާރމް ލޯގޯ ތަތްކޮށް ތިބެންވާނީ ވަކި ޚާއްޞަ ޖާރޒީއެއްގައެވެ. އާރމް ލޯގޯ ތަތްކުރެވިފައި އޮންނަން ވާނީ ވާތް އަތު ފަޅީގައެވެ.
  • (ށ) ޑަބަލްސް މެޗުތައް ކުޅޭ 2 ކުޅުންތެރިންގެ ޖާރޒީ ޑިޒައިން އެއްގޮތް ވާން ޖެހޭނެއެވެ.
  • (ނ) ޖާޒީ ހެދުމަކީ ކުޅުންތެރިންގެ އަމިއްލަ ޒިންމާއެކެވެ.
  • (ރ) ކޮންމެ ކުޅުންތެރިޔަކުވެސް އެ ކުޅުންތެރިޔެއްގެ ނަން ޖާރޒީގައި ޖަހަންވާނެއެވެ. ޖާރޒީގައި ޖަހަން ޖެހޭނީ ކުޅުންތެރިޔާގެ އަސްލު ނަމެވެ. އައިޑީ ކާޑުގައިވާ ނަމުގެ ފުރަތަމަ ނަން ނުވަތަ ދެވަނަ ނަން ވެސް ޖެހިދާނެއެވެ. އައިޑީ ކާޑުގައިވާ ނަން ލިޔާއިރު އަކުރުތައް ބަދަލުކޮށްގެން ނަމުގެ ޕްރޮނަންސިއޭޝަން އަންނަގޮތަށް ނަމެއް ނުޖެހޭނެއެވެ.
    މިސާލަކަށް: XAHIYYA ލިޔާއިރު XAHIYA ނުވަތަ XAHIYAA، XA#!YYA މިފަދަ ގޮތްގޮތަކަށް ނަމެއް ނުޖެހޭނެއެވެ. އަދި ނަން ޖަހަންވާނީ އިނގިރޭސި ބަހުންނެވެ. ނަން ޖަހާފައި ހުންނަންވާނީ ކިޔަން ފަސޭހަ ފޮންޓަކުންނެވެ.
  • (ބ) އެއްވެސް ޖާރޒީއެއްގައި ކުޅުންތެރިޔާގެ ނަންޖަހާ ތަނުގައި ޓީމުގެ ނަން ޖަހާފައި އޮވެގެން ނުވާނެއެވެ.
  • (ޅ) މުބާރާތުގައި ކުޅުންތެރިން ކުޅުމަށް ބޭނުންކުރެވޭނީ އިންޑޯ ބެޑްމިންޓަން ބޫޓެވެ.
  • (ކ) ފިރިހެން ކުޅުންތެރިން އަދި އަންހެން ކުޅުންތެރިންގެ ނަން އަދި މި ކައުންސިލުން ދޭ އާރމް ލޯގޯ ތަތްކޮށްފައި ހުންނަންވާނެ ތަން މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

8. ޓީމުގެ ނަން

  • (ހ) ޑަބަލްސް ކުޅޭ ކޮންމެ ޓީމަކަށް ވެސް ކިޔާ ވަކި ޚާއްޞަ ނަމެއް އޮންނަން ވާނެއެވެ.
  • (ށ) ޓީމަށް ކިޔާ ނަން ވާންޖެހޭނީ އާއްމު އިޖްތިމާޢީ މިންގަނޑުތަކަށް ފެތޭ ނަމަކަށެވެ.
  • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑާ ޚިލާފަށް ކަނޑައަޅާފައިވާ ނަންތައް ބަދަލުކުރުމަށް އެންގުމުގެ އިޚްތިޔާރު މުބާރާތް ހިންގާ ކޮމިޓީއަށް ލިބިގެންވެއެވެ.

9. އިސްތިހާރު

  • (ހ) ކުޅުންތެރިންގެ ޖާރޒީ ކުރިމަތީގަޔާއި ފުރަގަހުގައި އަދި ސޯޓުގެ ކުރިމަތީގައި އިސްތިހާރު ހަރުކުރެވިދާނެއެވެ. ނަމަވެސް މި އިސްތިހާރު ހުންނަންވާނީ ޖާރޒީގައި ޖަހާ ނަމާއި 10 ސެންޓިމީޓަރު ތިރީގައެވެ.
  • (ށ) އިސްތިހާރުގެ ގޮތުގައި ސިޔާސީ އިސްތިހާރާއި ދީނީ އަދި އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އިސްތިހާރު ހަރުކޮށްގެން ނުވާނެއެވެ.

10. މެޗު ކުޅޭ ތަނަށް ޙާޟިރުވުން

  • (ހ) މެޗްތައް ކުޅެންޖެހޭ ތާވަލްގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ގަޑީގެ 15 މިނެޓް ކުރިން މެޗަށް ގޮވިދާނެއެވެ.
  • (ށ) މެޗަށް ގޮވާތާ 5 މިނެޓް ހަމަވުމަށްފަހު، ކުޅެންޖެހޭ ކުޅުންތެރިޔާ ނުވަތަ ކުޅުންތެރިން ޙާޟިރުނުވާނަމަ، އެ މެޗް ވޯކްއޯވަރ ނުވަތަ ކެންސަލް ކުރުމުގެ އިޚްތިޔާރު މެޗްގެ އަންޕަޔަރަށް ލިިބިގެންވެއެވެ.

11. މުބާރާތް ކުރިއަށް ދާނެގޮތް އަދި ޕޮއިންޓު އުސޫލު

  • (ހ) މުބާރާތް ކުރިއަށްދާނެ ގޮތް ކަނޑައަޅާނީ ބައިވެރިވާ ޓީމުތަކާއި ކުޅުންތެރިންގެ އަދަދު ކަށަވަރުވުމުން، ލީގު ނުވަތަ ގްރޫޕްތަކަށް ބަހާލައިގެންނެވެ.
  • (ށ) މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ 21 ޕޮއިންޓަށެވެ.
  • (ނ) ފުރަތަމަ 11 ޕޮއިންޓް ކުޅުންތެރިއަކަށް ލިބުމުން 60 ސިކުންތުގެ ހުސްވަގުތުކޮޅެއް ނެގުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ދެ ގޭމު ދޭތެރޭގައި 120 ސިކުންތުގެ ހުސްވަގުތުކޮޅެއް ލިބޭނެއެވެ.
  • (ރ) ތިންވަނަ ސެޓަކަށް ގޮސްފިނަމަ 120 ސިކުންތުގެ ހުސްވަގުތުކޮޅެއް ދެވޭނެއެވެ.
  • (ބ) ސިންގަލް ކެޓަގަރީ ކުރިއަށްގެންދެވޭނީ އެ ކެޓަގަރީއަކުން މަދުވެގެން 6 ފަރާތުން ބައިވެރިވެފައިވާނަމައެވެ.
  • (ޅ) ޑަބަލްސް ކެޓަގަރީ ކުރިއަށްގެންދެވޭނީ އެ ކެޓަގަރީއަކުން މަދުވެގެން 8 ޓީމު ބައިވެރިވެފައިވާނަމައެވެ.

12. މުބާރާތުން ވަކިވުން

މުބާރާތުގެ ގުރުއަތުލުމަށްފަހު އެއްވެސް ޓީމަކަށް އަދި ކުޅުންތެރިޔަކަށް މުބާރާތުން ވަކިވެވޭނީ 3000/- ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށްފަހުގައެވެ. އަދި މި ފައިސާ ކައުންސިލަށް ނުދައްކާނަމަ މިލަންދޫ ކައުންސިލުން ހިންގާ އެއްވެސް މުބާރާތެއްގައި އެ ކުޅުންތެރިޔަކަށް އަދި ޓީމެއްނަމަ އެ ޓީމުގެ އެއްވެސް ކުޅުންތެރިޔަކަށް ވާދައެއް ނުކުރެވޭނެއެވެ.

13. ކުޅުމުގެ ޤަވާއިދު

މުބާރާތުގެ މެޗުތައް ކުޅުމުގެ ގަވާއިދަކަށްވާނީ 'ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން" ގެ ބެޑްމިންޓަން ކުޅުމުގެ ގަވާޢިދު އެވެ.

14. މައްސަލަ ހުށަހެޅުން

  • (ހ) މުބާރާތުގައި ކުޅޭ އެއްވެސް މެޗަކާ ގުޅިގެން މައްސަލައެއް ހުށަހަޅަން ބޭނުންވެއްޖެނަމަ، އެ މެޗެއް ނިމޭތާ 1 (އެކެއް) ގަޑިއިރުގެ ތެރޭގައި މިލަންދޫ ކައުންސިލަށް އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.
    • ލިޔުމުން
    • އީމެއިލް މެދުވެރިކޮށް
  • (ށ) މައްސަލަ ހުށަހެޅުމަށް ބޭނުންކުރާނެ އީމެއިލް އެޑްރެހަކީ info@milandhoo.gov.mv އެވެ.
  • (ނ) މައްސަލަ ހުށަހަޅާއިރު، މައްސަލައިގެ ތަފްޞީލާއި، ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސާފުކޮށް ބަޔާންކުރަންވާނެއެވެ.

15. މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތައް އަދި މަޤާމުތަކަށް ކަނޑައެޅިފައިވާ އިނާމު

ސިންގަލްސް (އަންހެން އަދި ފިރިހެން)

  • އެއްވަނަ: ޓްރޮފީ އަދި 6000$ (ހަހާސް) ރުފިޔާގެ ފައިސާގެ އިނާމު
  • ދެވަނަ: ޓްރޮފީ އަދި 4000$ (ހަތަރުހާސް) ރުފިޔާގެ ފައިސާގެ އިނާމު

ޑަބަލްސް (އަންހެން އަދި ފިރިހެން)

  • އެއްވަނަ: ޓްރޮފީ އަދި 10,000$ (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމު
  • ދެވަނަ: ޓްރޮފީ އަދި 5,000$ (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމު

16. މުބާރާތުގެ ޤަވާއިދުގައި ހިމެނިފައި ނުވާކަމެއް ދިމާވުން

  • (ހ) މި ޤަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ މި މުބާރާތުގެ ހިންގާ ކޮމިޓީ އިންނެވެ.
  • (ށ) މި ޤަވާއިދު ބޭނުން ކޮންމެ ވަގުތަކުމެ އިސްލާހުކުރުމުގެ ބާރު މިލަންދޫ ކައުންސިލަށް ލިބިގެންވެއެވެ.

17. މުބާރާތުގެ ހިންގާ ކޮމިޓީ

މި މުބާރާތުގެ ޤަވާއިދާއި ޤަވާއިދުން ބޭރުން ހުށަހެޅޭ މުބާރާތާއި ގުޅޭ މައްސަލަތަކާއި ޑިސިޕްލިނަރީ މައްސަލަތައް ބަލައި ގޮތް ކަނޑައެޅިގެންދާނީ މި މުބާރާތަށް ކަނޑައެޅިފައިވާ 5 މެންބަރުންގެ މައްޗައް އެކުލެވިގެންވާ ހިންގާ ކޮމިޓީންނެވެ.